ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައިފިއެވެ.
އެގޮތުން ރައީސް ނިންމެވީ ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށެވެ.
”އެކްސް“ ގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހު 1 ން ފެށިގެން ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ތިރީގައިވާ ގޮތަށް ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުއްވަން ނިންމަވާފައިވާ ކަމަށެވެ.
އެއީ:
- އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން.
- މިމުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން.
މީގެ އިތުރުން ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ރައީސް ވަނީ އެދިލައްވާފައެވެ.
ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު އަގު ބޮޑުކުރުމަށް ރައީސް މިއަދު ނިންމަވާފައިވާއިރު، ރާއްޖޭގައި މިހާރު އާންމުކޮށް ބޭނުންކުރަމުންދާ ”ވޭޕް“ ގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން މިއަދުން ފެށިގެން ރައީސް މުޢިއްޒު ވަނީ އިއްޔެ މަނާ ކުރައްވާފައެވެ. އަދި ވޭޕްގެ އެކި ބާވަތްތައް އަންނަ މަހުން ފެށިގެން ބޭނުން ކުރުން ވެސް ރައީސް ވަނީ މަނާ ކުރައްވާފައެވެ.




