ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2015 ވަނަ އަހަރު ރިޔާސީ ލޯންޗު ”ފިނިފެންމާ“ ގައި ބާރުގަދަ އެއްޗެއް ގޮއްވާލި މައްސަލައިގެ ހެކިތަކެއް ހުއްދަ ނެތި ގެންދިޔަ ކަމަށް ތުހުމަތުކޮށް ސިފައިންގެ ވަޒީފާއިން ވަކިކުރި މޫސާ ޒަމީރަށް ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް އިއްޔެ ހައި ކޯޓުން ކަނޑައަޅައިފިއެވެ.
ރައީސް ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗުގައި ބާރުގަދަ އެއްޗެއް ގޮއްވާލީ އެމަނިކުފާނު ހައްޖަށް ދިޔުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވަނިކޮށެވެ. އެހާދިސާގައި ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އަށާއި ރައީސް ޔާމީންގެ ބޮޑީގާޑުގެ އިތުރުން ސެކްރަޓަރީއަށް އަނިޔާތަކެއްވިއެވެ.
މިމައްސަލައާ ގުޅިގެން ޒަމީރު ސިފައިންގޭގެ ވަޒީފާއިން ވަކިކުރީ އެ މައްސަލައިގެ ހެކިތަކެއް ހުއްދަ ނެތި ގެންދިޔަކަމަށް ތުހުމަތުކޮށެވެ. އަދި އެ މައްސަލާގައި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ވެސް ޒަމީރުގެ މައްޗަށް ކުރިއެވެ. އެ ތުހުމަތުގައި ޒަމީރުގެ އިތުރުން އޭރު ސިފައިންގެ ވަޒީފާ އަދާކުރަމުންދިޔަ އަހުމަދު ތިހާމްގެ މައްޗަށްވެސް ދައުވާ ކުރިއެވެ.
ދައުވާތަކާ ގުޅިގެން 2016 ވަނަ އަހަރު އެދެމީހުން ވެސް ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016ވަނަ އަހަރުގެ ޖޫން މަސްތެރޭ ހުކުމް ކުރިއެވެ.
ޒަމީރުގެ ފަރާތުން އެ ހުކުމް އިސްތިއުނާފު ކުރުމުން، 2019 ވަނަ އަހަރު ހައިކޯޓުން ވަނީ ދަށު ކޯޓުގެ އެ ނިންމުން ބާތިލުކޮށް ޒަމީރުގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށް ނިންމާފައެވެ.
ހައިކޯޓުން އެހެން ނިންމި ކަމުގައި ވިޔަސް ސިވިލް ކޯޓުން ނިންމީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންކުރާ ކުށްތަކަށް އަދަބު ދިނުމުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ. އެހެންނަމަވެސް ޒަމީރުގެ ފަރާތުން އެކަން ވެސް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މިމައްސަލަ އިއްޔެ ހައިކޯޓުން ބެއްލެވި ތިން ފަނޑިޔާރުން ވެސް އިއްތިފާގުވެފައިވަނީ ޒަމީރަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް އަމުރުކޮށް ސިވިލް ކޯޓަށް މައްސަލަ ފޮނުވުމަށެވެ.



