އެއާޕޯޓަށް ލަގެޖު އުފުލާ ވެހިކަލެއްގެ ޑްރައިވަރަކު ދުއްވަން އިން ވެހިކަލް ކުއްލިގޮތަކަށް އެކްސިޑެންޓުވެ، އެމީހާ ނިޔާވެއްޖެ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާލުވީ، އެއާޕޯޓު ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް ލައިޓާއި ކެމެރާ ހަރުކޮށްފައިހުރި ސްޓްރަކްޗަރގެ ބުޑުގަނޑުގައި ޖެހިފައިވާ ކަމަށާއި ވެހިކަލް ދުއްވަން އިން ޑްރައިވަރަށް ފަރުވާ ދިނުމަށް އެވަގުތު ކްލިނިކަށް ގެންދިޔަ ކަމަށެވެ. ކްލިނިކުން އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށް މިއަދު ހެނދުނު 9:28 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ވެހިކަލް ދުއްވަން އިން ޑްރައިވަރު ކްލިނިކަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށާއި އަދި އައިޖީއެމްއެޗަށް ގެންގޮސް އިތުރަށް ބެލުމުން، ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލުމާތު ދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.



