ކުރީ ސަރުކާރުން ހިންގަން ފެށި ”ގެދޮރުވެރިޔާ“ ސްކީމުން ފްލެޓަށް އަލުން ހުޅުވާލައިފި ކަމަށް ބުނެ ހަގީގަތާ ޚިލާފު މެސެޖުތަކެއް ފޮނުވަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
”އެކްސް“ މެދުވެރިކޮށް ފުލުހުންގެ ރަސްމީ އެކައުންޓުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަލުން ހުޅުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކު ހިމެނޭގޮތަށް ދައުރުކުރަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. އަދި މިފަދަ ލިންކުތަކަށް ސަމާލުވުމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓުތަކާ ގުޅޭގޮތުން މިމަހުގެ 13 ވަނަ ދުވަހު ހައުސިންގް މިނިސްޓްރީން ބުނީ ”ގެދޮރުވެރިޔާ ސްކީމް“ އިން ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަހު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ސްކީމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މާލޭ ރަށްވެހިންނަށް ފްލެޓު ދިނުމަށް ކުރީ ސަރުކާރުން ހުޅުވާލި ސްކީމެކެވެ. އަދި އެ ސަރުކާރުގެ ދައުރު ހަމަވީއިރު ފްލެޓު ލިބުނު ދާއިމީ ލިސްޓެއް ގެޒެޓުކޮށްފައިވެއެވެ. ދައުރު ހަމަވީ ފްލެޓު ލިބުނު ބައެއް މީހުންނާ އެކު ފްލެޓު ކަނޑައަޅާ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.
ނަމަވެސް ދާއިމީ ލިސްޓަށް ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާތީ، އޭސީސީން އެކަން ތަހުގީގުކޮށް ބެލިއިރު، އޭގެ ތެރެއިން 59.6 އިންސައްތަ ފޯމަކީ ޝަރުތު ހަމަނުވާ ފޯމުތަކެއްކަން ހާމަވެފައިވެއެވެ. އެހެންކަމުން އެ ލިސްޓު އަލުން މުރާޖައާކޮށް، އަލުން އާންމު ކުރާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅިގެން އެ މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ބުނީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.


