ސިޔާސީ މަގާމުތަކުގައި ހުރި 228 ފަރާތެއް މަގާމުން ދުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން އަންގަވާފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ބަދަލާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
ރާއީސް މިފިޔަވަޅު އަޅަން ނިންމާފައި ވަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން އަދިވެސް އިސްލާހީ ފިޔަވަޅު އަޅާފައި ނުވާތީވެ ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ވޯލްޑް ބޭންކުން މިމަހު އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ރާއްޖެ އަށް ދިމާވެފައިވާ މާލީ ގޮންޖެހުންތައް ހައްލު ކުރުމަށް އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސް ކުރަންޖެހޭ ކަމަށާއި މި އަހަރުގެ ފެބްރުއަރީ މަހު މާލީ އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް އެ ފިޔަވަޅުތައް އަދިވެސް ތަންފީޒު ކުރަން ފަށާފައި ނުވާކަމަށެވެ.
މީގެއިތުރުން، ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި، ފިޗް ރޭޓިން އާއި މޫޑީސް އިން ވެސް ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ. މިކަމާއި ގުޅޭ ގޮތުން ސަރުކާރުން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ރޭޓިން ރަނގަޅުވާނެ ކަމަށް ކަމަށެވެ.



