މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމާ ގުޅޭ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.
އީސީއިން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން އުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން އެމްއާރްއެމް އިން އަދާކުރަން ޖެހޭ ދަރަންޏެއްވާ ނަމަ އަންނަ މަހުގެ 10 ގެ ނިޔަލަށް، އެ ޕާޓީގެ އޮފީހަށް ހުށަހަޅައިގެން ނިންމުމަށް އީސީއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އީސީއިން އެމްއާރްއެމް އުވައިލަން ނިންމީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3،000 މެންބަރުން އެ ޕާޓީގައި ހަމަނުވާތީ އެވެ. މިހާރު އެޕާޓީގައި ތިބީ 2235 މެންބަރުންނެވެ.



