އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ފުރަތަމަ ފަހަރަށް ބާއްވާ ”ނެޝަނަލް ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2024“ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މީގެ ކުރިން މުބާރާތްތަކުގައި ބަޑިޖަހައި އުޅުނީ ސިފައިންގެ ތެރެއިން ތަމްރީންވެފައި ތިބި ސިވިލް ކުދިންކަން ފާހަގަކުރުމަށްފަހު އެއެސޯސިއޭޝަނުން ބުނީ ޝޫޓިން ކޮމިއުނިޓީ ތެރޭގައި ބަޑިޖެހުމުގެ ކުޅިވަރުގައި ވަރަށް ގިނަ ކުދިން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، މިފަދަ ގޮތަކަށް މުބާރާތެއް އަދި މިހާތަނަށް ބޭއްވިފައި ނުވާ ކަމަށެވެ.
މިއީ މީގެ ކުރިން ސފައިންގޭގައި އެކަނި ކުރިއަށްދިޔަ ކުޅިވަރެކެވެ. އެހެންނަމަވެސް މިހާރު އެންމެންނަށް ހުޅުވާލައިގެން މިކުޅިވަރު ކުރިއަށްގެންދާއިރު، އަންނަ މަހު ބާއްވާ މުބާރާތަކީ ފުރަތަމަ ފަހަރަށް އާންމުންނަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މުބާރާތެވެ.
ޝޫޓިން އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މިޕްރޮގްރާމުގައި ސުކޫލުގައި ކިޔަވާ ދަރިވަރުންނާއެކު 90 އަށްވުރެ ގިނަ ކުދިން މިހާރު ތަމްރީނު ހަދަމުންދާ ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން، އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ގައުމީ މުބާރާތުގައި އާންމުންނަށް ބައިވެރިވެވޭނީ ވަކި މުއްދަތަކަށް ބޭއްވޭ ތަމްރީނުތަކަށް ފަހުއެވެ. އަދި އެ ތަމްރީނުތައް މިހާރު ފެށިގެން ކުރިއަށްދާއިރު ދުވަހެއް ދުވަހަކަށް މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ބަޑިޖެހުމުގެ މުބާރާތުގައި 30 އިވެންޓެއް ކުރިޔަށްދާއިރު، މުބާރާތް ކުރިއަށްދާނީ އޯޕަން ކެޓެގަރީގެ އިތުރުން ޔޫތު ކެޓަގަރީ އާއި ޖޫނިއާ ކެޓަގަރީ ހިމެނޭ ގޮތަށް ކަމަށް ވެސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.



