ގދ. ނަޑެއްލާއަށް އުދަ އަރައި، ބައެއް ގެތަކަށް އުދައިގެ އަސަރުކޮށްފިއެވެ.
ނަޑެއްލާ ކައުންސިލުގެ ނައިބު ރައީސް ފައިސަލް ނަޖީބު ވިދާޅުވީ މިއަދު އަރަމުންދާ އުދައިގެ އަސަރު އެ ރަށުގެ ހަ ގެއަކަށް ކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް އުދައިގެ ސަބަބުން އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިއަދު މެންދުރު އުދަ އަރަންފަށާފައިވާ ކަމަށާއި، ރަށުގެ ދެކުނާއި އުތުރުން މުޅި ރަށް ވަށައިގެން ބޭރުމަގާ ހަމަޔަށް އުދައަރާފައިވާ ކަމަށެވެ.
”ގޭތެރެއަކަށް އަދި ނުވަދޭ ލޮނެއް. އެކަމަކު ރަށުތެރެއަށް ލޮނުގަނޑު ފެތުރި ބައެއް ގެތަކާ ހަމަޔަށް ލޮނުގަނޑު ގޮސްފައި އެބަހުރި. މިވަގުތަށް އުދައެރުން ހުއްޓިފައި އޮތީ. އެކަމަކު މިރޭ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިޔަށްވުރެ ބޮޑަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެނީ،“ އޭނާ ވިދާޅުވި އެވެ.
މިއަދުގެ މެންދުރުން ފަށައިގެން އަރަމުންދާ އުދައިގެ ސަބަބުން ގޭގެއަށް އަސަރު ކުރާތީވެ ވެލި ބަސްތާތައް ޖަހަމުން އަންނަކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
މާދަމާ ހެނދުނު 6 ގެ ނިޔަލަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ؛ ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދަށް އަރާނެ ކަމަށާއި، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށް ވެސް އެއިދާރައިން ވިދާޅުވިއެވެ.
ހަމައެއާއިއެކު، އެއިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވެއެވެ.



