އައްޑޫ ސިޓީ ފިހާރައަކަށް ވަދެ ބިރު ދައްކައި، ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިއްޔެ އައްޑޫ ސިޓީ ހިތަދޫ ފިހާރައަކަށްވަދެ، ބިރުދައްކައި އެފިހާރާއިން ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިހާދިސާ ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން ދާއިރު، އެވީޑިއޯއިން ފެންނަނީ ދެމީހަކު އެކަމުގައި ހަރަކާތްތެރިވަމުންދާ މަންޒަރެވެ. އެތަނުން އެކަކު ލަޓިބުރިއެއް ފާޑު އެއްޗެއް ހިފައިގެން ފިހާރައިގެ ސޭޓާ ދިމާލަށްދާއިރު، ފަހަތުގައި ފްރިޖު ކައިރީގައި ހުރި މީހާ އޭނާގެ ޖީބުން ތޫނު އެއްޗެއް ނަގައިގެން ސޭޓާ ދިމާލަށް ގޮސް ބިރު ދައްކައެވެ. އަދި އެމީހުން ބޭނުންވާ ތަކެތި ހިފައިގެން ފިހާރައިން ނިކުމެގެން ދާތަން ވެސް ސީސީޓީވީ ކެމެރާއިން ފެނެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.




