ޅ. ހިންނަވަރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެނަކައިން ފެށި، އައު އޮފީސް އިމާރާތުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
ފެނަކައިގެ އައު އޮފީސް ޢިމާރާތުގެ ސްޓްރަކްޗަރ މިހާރު ނިމިފައިވާއިރު، ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫޢުގައި މިހާރު ސްކްރީޑް މަސައްކަތް ކުރިއަށް ދާއިރު މިހާތަނަށް ނުނިމި ހުރި ބައެއް މަސައްކަތްތަކަކީ، ދޮރުތައް ހަރުކުރުމާއި އިމާރާތަށް ބޭނުންވާ ކަރަންޓު ވަޔަރިންއާއި ފެނާ ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތް ކަމަށް ވެސް ފެނަކައިން ހާމަ ކޮށްފައިވެއެވެ.
ދެ ފަންގިފިލާއަށް އިމާރާތް ކުރާ މި އިމަރާތް އެއްކޮށް ނިމޭއިރު، އެންމެ ޒަމާނީ ވަސީލަތްތައް ޤާއިމްވެފައި ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ ވެގެންދާނެ ކަމަށް ފެނަކައިން ޔަގީންކަން ދެއެވެ. ހަލުވި ސްޕީޑުގައި ކުރިއަށްދާ މި މަސައްކަތް، އަންނަ އަހަރުގެ ކުރީކޮޅު އެއްކޮށް ނިންމާލެވޭވަރުވާނެކަމަށް ފެނަކައިން އަންދާޒާ ކުރެއެވެ.




