ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ގައުމުގެ ސަލާމަތް ކުރުމަށްޓަކައި ޓެކްސް ނެގުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެއެވެ.
”ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކޮންމެހެންވެސް ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހިފައިވާ ކަމެއް މިއީ“ ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ މިއަދު މިސަރުކާރުން ދިވެހި ރައްޔިތުންނަށްޓަކައި ގެންނަމުން މިދާ ކޮންމެ ހެޔޮ ބަދަލެއް، އެބަދަލު ގެންނަން މިމަޖިލީހަށް ހުށަހަޅާ ކޮންމެ ފަހަރަކު އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއީ އެބޭފުޅުން ވެސް ގެންނަން ނިންމާފައި އޮތް ބަދަލެއް ކަމަށް ބުނާ ކަމަށެވެ. އެހެންނަމަވެސް ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައީ އެއްވެސް ބަދަލެއް ނުގެނެވިކަމަށް ފަލާހު ވިދަޅުވިއެވެ.
”ހަމަރައްޔިތުންނަށް ލާބަޔާއި މަންފާ ހުރި ކޮންމެ އިސްލާހެއް ކޮންމެ ބަދަލެއް ކޮންމެ އާމްދަނީ ލިބޭ ބިލެއް މިތަނަށް ވައްދާއިރަށް އެބޭފުޅުން ވިދާޅުވަނީ އެއީ ތިމަންނަމެންގެ ސަރުކާރުން ނިންމާފަ އޮތް ކަމެކޭ“ މެންބަރު ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ 49 ބިލިއަން ރުފިޔާގެ ބަޖެޓުގެ މައްޗަށް އަލިއަޅުވާލާ ފަލާހު ވިދާޅުވީ މިއަދުގެ މިބަޖެޓު ބައްލަވާލެއްވުމަށްފަހު ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މިއަދު އެހާ ހޭލުންތެރިކަން ކުޑަ 1970 ، 1950 ގައި އުޅުނު ކަހަލަ ރައްޔިތުންކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.
”ވަރަށް ތައުލީމީ ކިޔަވައިގެން ތިބި ރައްޔިތުންތަކެއް ދިރިއުޅެމުންދަނީ“ ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓު ހަދާއިރު، ބަޖެޓު ހަދާއިރު ހިންގަން ހިމަނާ މަޝްރޫއުތަކަކީ ބޮޑެތި މަޝްރޫއުތަކަށްވާއިރު، އެމަޝްރޫއުތަކާއި އެއްވަރުގެ އަދަދެއް ބަޖެޓުގައި ނުހިމެނިދާނެ ކަމަށާއި، އެއްއަހަރު ދުވަހަށް ހިންގާ މަޝްރޫއެއް ބަޖެޓުގައި ޖަހަނީ ދެއަހަރު ދުވަހަށް ބަހައިލައިގެން ކަމަށެވެ.
”މިސާލަކަށް 200 މިލިއަން ރުފިޔާ ނުވަތަ 100 މިލިއަން ޑޮލަރުގެ އެއްއަހަރު ދުވަހަށް ހިންގާ މަޝްރޫއެއް ބަޖެޓު ހިންގާއިރު، ދެއަހަރަށް ބަހާލައިގެން ބަޖެޓުގައި މިހިރީ ޖަހާފައި“ މެންބަރު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުގައި 2023 ވަނަ އަހަރު ދައުލަތުގެ ބަޖެޓުގައި ޖަހާފައި ހުރި އެއްވެސް މަޝްރޫއަކީ އެމަޝްރޫއެއް ކުރިއަށް ގެންދަން އެކަށީގެންވާ މިންވަރަށް ފައިސާ ޖަހާފައިވާ މަޝްރޫއުތަކެއް ނޫންކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.


