ކޮއްލަމް ބަނދަރާއި ދިވެހިރާއްޖެއާ ދެމެދު ކްރޫޒް އުޅަނދުގެ ޚިދުމަތް ތަޢާރަފުކުރުމަށް ކޭރަލާ މެރިޓައިމް ބޯޑުން ނިންމައިފިއެވެ.
ކޭރަލާ މެރިޓައިމް ބޯޑާއި ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ ’ދަ ނިއު އިންޑިއަން އެކްސްޕްރެސް‘ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޭރަލާ މެރިޓައިމް ބޯޑުން ވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ކްރޫޒް އުޅަނދުގެ ޚިދުމަތް ތަޢާރަފުކުރުމަށް ނިންމާފައެވެ.
އެބޯޑުން ހާމަކޮށްފައިވާ ގޮތުގައި މީގެ މަޤްޞަދަކީ ފަތުރުވެރިކަން ކުރިއެރުވާއި ކޭރަލާއާއި ދިވެހިރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އައު އިޤްތިޞާދީ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބޯޑުން އުންމީދުކުރާ ކަމަށް ވެސް ބޯޑުން ވަނީ ބުނެފައެވެ.
ކޮއްލަމް ބަނދަރުން ރާއްޖެއާއި ދެމެދު ދަތުރުކުރާނީ 100 ފަސިންޖަރުންނާއި 15 ފަސިންޖަރުންނަށް ޖާގަލިބޭ ދެ ކްރޫޒް އުޅަނދެއް ކަމަށް ވެސް އެބޯޑުން ވަނީ ބުނެފައެވެ.
އެބޯޑުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި ޚިދުމަތް ހިންގާނީ އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިހިދުމަތަށް ފޯރުކޮށްދިނުމަށް މިހާރު ވެސް ކޭރަލާގެ ދެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ކަމަށާއި މިކަމަށް ބޯޑުން ފޯރުކޮށްދޭނީ އަސާސީ ވަސީލަތްތަކާއި ލޮޖިސްޓިކަލް އެހީތެރިކަން ކަމަށެވެ.
”މެރިޓައިމް ބޯޑާ ގުޅޭގޮތުން ބަލާއިރު، ކްރޫޒް ހިންގުމަށް ބޭނުންވާ އަސާސީ ވަސީލަތްތަކާއި ލޮޖިސްޓިކްސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. އަޅުގަނޑުމެންނަށް ދެ އުޅަނދަކަށް ހުށަހެޅުން ލިބިފައިވޭ: އެއް އުޅަނދުގައި 100 ފަސިންޖަރުންނަށް އަދި އަނެއް އުޅަނދުގައި 15 ފަސިންޖަރުންނަށް ޖާގަ ލިބޭނެ. މި ކްރޫޒްތަކުން ކޮއްލަމް ބަނދަރާއި ދިވެހިރާއްޖެއާ ދެމެދު މީހުން އުފުލައިދެވޭނެ. މީގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރި ކުރިއަރާނެ. މީހުން ދަތުރުކުރުން އިތުރުވުމުގެ ސަބަބުން ދެ އިޤުތިސާދު ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ،“ ކޭރަލާ މެރިޓައިމް ބޯޑުގެ އޮފިޝަލަކާއި ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓު ކުރިއެވެ.
މި ޚިދުމަތުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށާއި، މަޞްލަޙަތުވެރިންގެ ޚިޔާލު ހޯދުމަށް ނީންދަކަރާ މެރިޓައިމް އިންސްޓިޓިއުޓްގައި މަސައްކަތްތެރިންގެ ޔޫނިއަންތަކާއި، ވިޔަފާރިވެރިންނާއި، އަމިއްލަ އޮޕަރޭޓަރުންނާއި، ބަނދަރުގެ އޮފިޝަލުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަން ފާހަގަކޮށް ބޯޑުން އިތުރަށް ބުނީ އިމިގްރޭޝަން ޗެކްޕޮއިންޓެއް ފުރިހަމައަށް ޤާއިމުކުރެވުމުން، ކޮއްލަމް ބަނދަރުގައި ފަސިންޖަރުންނާއި އުޅަނދުފަހަރުގެ އައިސްގޮސްވުން ފަސޭހަވެގެންދާނެ ކަމަށެވެ



