މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޢާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ލ.ގަމު މަތިމަރަދޫ ފެނަކަ ބްރާންޗު ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ 2019 ވަނަ އަހަރު ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ޙަވާލުވެހުރި، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޢާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާތީވެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުސްވި ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން އޭސީސީން ވަނީ ލ.ގަމު މަތިމަރަދޫ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރ ނަޞްރުﷲ ޢަބްދުﷲ (ތަރިވިދާގެ، ލ.ގަން) ގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދިފައެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ.ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ހަވާލުކޮށްފައިވަނީ ނަޞްރުﷲ ޢަބްދުﷲ ގެ ޢާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގަވާއިދު 2019 އާ ޚިލާފަށް، ޢާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް ނާންގާ ކަމަށާއި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، އަދި މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި ނަސްރުﷲ އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލެމުން އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުޤީޤަށް ވަނީ ހާމަވެފައެވެ.



