އިމިގްރޭޝަން ވޮޗްއަށް މިހާތަނަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ މައްސަލަތައް ކަަމުގައި މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް އިތުރުވުމާ ގުޅިގެން އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް އިމިގްރޭޝަނުން ”އިމިގްރޭޝަން ވޮޗް“ ތައާރަފުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް މިފަދަ 840 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އިއްޔެއާ ހަމައަށް 71 އިންސައްތަ (596) މައްސަލަ އިމިގްރޭޝަނުން ވަނީ ބަލާފައެވެ. މި މައްސަލަތަކަކީ އެކި ކުށްތަކާ ގުޅިގެން ރިޕޯޓު ކޮށްފައިވާ މައްސަލަތަކެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 221 މައްސަލަ ހުށަހެޅިފައިވެ އެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން 34 އިންސައްތަ އެވެ.
މީގެއިތުރުން ވޯކް ވިސާ އާ ގުޅުންހުރި 206 މައްސަލައެއް ހުށަހަޅާފައިވާއިރު، ހަށިވިއްކުމާ ގުޅުންހުރި 50 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.




