އިލެކްޝަންސް ކޮމިޝަން (އީސި)އިން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އެ ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް އީސީން ހަމަޖައްސައިފިއެވެ.
އެގޮތުން، 2024 އޮކްޓޫބަރު 20 ވަނަ ދުވަހުން ފެށިގެން، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާނަމަ، ރަޖިސްޓަރީ ވެފައިވާ ޕާޓީގެ މަޢުލޫމާތު ހިމެނޭ ލިޔުން އޮންލައިން ޕޯޓަލް ”މައި ޕޯޓަލް“ މެދުވެރިކޮށް ލިބޭނެއެވެ. އަދި މި ޚިދުމަތުގެ އިތުރުން، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ، އެކަމުގެ ލިޔުންވެސް ޕޯޓަލް އިން ލިބޭނެ ކަމަށް އެކޮމިޝަނުން ވަނީ ޢާންމުކޮށް އިޢުލާނުކޮށްފައެވެ. ޕޯޓަލް މެދުވެރިކޮށް މި ޚިދުމަތަށްއެދޭއިރު، އިތުރު އެއްވެސް ލިޔެކިއުމެއް ބޭނުމެއް ނުވާނެ ކަމުގައި ވެސް އީސީން ބުނެފައިވެއެވެ.



