އިނގިރޭސިވިލާތުގައި ކިޔަވަމުން އަންނަ ސޯފިއާ އަލޮންސޯ-މޮސިންގާ މަޝްހޫރު ފާސްޓް ފެޝަން ކުންފުންޏެއް ކަމުގައިވާ ’ޝެއިން‘ އިން ބޫޓަކަށް އޯޑަރު ކުރިއެވެ.
ޝެއިންގެ ޕެކޭޖިންގައި އައި ޕާރުސަލު ތެރޭގައި އިތުރު އެއްޗެއް އޮތްތަން ފެނުނީމާ ސޯފިއާ ފުރަތަމަ ހީކުރީ އެއީ ކުޅޭ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް އެއެއްޗެއް ކުޑަކޮށް ހަރަކާތް ކުރުމާއިއެކު އިތުރަށް ބެލުމުން އެއީ ވިހަގަދަ ނަގުލާންދާއްޓެއްކަން އިނގުނެވެ.
މިއީ އިނގިރޭސިވިލާތުގެ ބްރިސްޓޮލް ޔުނިވަރސިޓީގައި ކިޔަމުން އަންނަ ސޯފިއާއަށް ހުސްވި ސެޕްޓެމްބަރު މަހު ދިމާވި ހާދިސާއެކެވެ.
ޕާރުސަލުގެ ތެރެއިން ނަގުލަންދާށި ފެނުނީމަ ސޯފިއާ ފުރަތަމަ ހީކުރީ އެއީ ކުޅޭ އެއްޗެއް ކަމަށް ބީބީސީއަށް ދިން އިންޓަވިއުއެއްގައި ސޯފިއާ ބުނެފައިވެއެވެ.
އަހަރެން ހިތަށްއެރީ އެއީ ކުޅޭ އެއްޗެއް ކަމަށް. ދެން އޭތި ކުޑަކޮށް ހަރަކާތްކޮށްލީ،“ ސޯފިއާ އަލޮންސޯ-މޮސިންގާ ބުންޏެވެ. އަދި އިތުރަށް ބުނެފައިވަނީ ”އެއީ ވަރަށް ބިރުވެރި ކަމެއް“ ކަމަށެވެ.
ސޯފިއާ ބުނީ އެނާ އާއި އޭނާއާއިއެކު ކިޔަވަން އުޅުނު މީހުންނަށް، އެނަގުލަންދާށި މަރާލަން ނުކެރުމުން ނެޝަނަލް ސެންޓަރ ފޮރ ރެޕްޓައިލް ވެލްފެއަރ (އެން.ސީ.އާރް.ޑަބްލިއު) އާ ގުޅައިގެން، ނަގުލަންދާށި އެން.ސީ.އާރް.ޑަބްލިއު އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އެން.ސީ.އާރް.ޑަބްލިއުގެ ފަރާތުން ކްރިސް ނިއުމަން ބުނީ ހައިރާންވާހާ ގިނައިން މިފަދަ ރިޕޯޓުތައް ލިބޭ ކަމަށާއި މިއީ ފާއިތުވި މަސް ތެރޭގައި ވެސް ލިބުނު މިފަދަ ތިންވަނަ ރިޕޯޓު ކަމަށެވެ.
”މި ނަގުލަންދާއްޓަކީ ’އޮލިވިއެރަސް މާޓެންސިއައި‘ ނުވަތަ އޭގެ އާންމު ނަމުންނަމަ ’ޗައިނީސް ސްކޯޕިއަންއެއް’،“ ކަމަށް އޭނާ ބުންޏެވެ.
މިއީ ވިހަ ގަދަ ނުރައްކާތެރި ނަގުތަންދާއްޓެއްގެ ގޮތުގައި ސިފަ ކޮށްދެމުން ކްރިސް ބުނީ އޭގެ ވިހައިގެ އަސަރުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް ކުރިމަތިވެދާނެ ކަމަށެވެ.
”މިއީ ވަރަށް ކަންބޮޑުވާ ކަމެއް، މިއީ މަހެއްގެ ތެރޭގައި އައި މިފަދަ ތިންވަނަ މައްސަލަ.“ ކްރިސް ބުންޏެވެ.
މިކަމާއި ގުޅޭގޮތުން ޗައިނާގައި އޮފީސް ހިންގާ ޝެއިން އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިކަން ހިނގާފައިވާ ގޮތެއް ހޯދުމަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ޝެއިން އިން ކަނޑައަޅާފައިވާ ”ހުރިހާ މިންގަނޑުތަކަކާއި އުސޫލުތަކަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން“ ބެލުމަށްޓަކައި މިމައްސަލައިގައި ކަންހިނގާފައިވާ ގޮތް ބަލުމަށް އިންޓާނަލް ތަހުގީގެއް ކުރަމުންދާ ކަމަށެވެ.
”ޝަކުވާ ލިބުމާއެކު، އަޅުގަނޑުމެން ވަގުތުން އެތެރޭގެ ތަޙުޤީޤެއް ކުރިއަށް ގެންދިޔައިން“ ޝެއިން އިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެން.ސީ.އާރް.ޑަބްލިއުއިން ބުނެފައިވާ ގޮތުންނަމަ ފާއިތުވި ސެޕްޓެމްބަރު މަހުގައ އެކަނި ވެސް ޗައިނާއިން އައި ތިން ޕާރުސަލަކުން ތިން ނަގުލަންދާށި ވަނީ ފެނިފައެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝެއިންއިން އެއްޗެހި ގަންނަ މީހުން ވަނީ މިކަމަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރާއްޖެގައި ވެސް ޝެއިންއިން އެއްޗެހި ގަންނަން މީހުން ވަރަށް ގިނައެވެ. ޝެއިން އިން އެކި ކަހަލަ އަންނައުނާއި ގޭތެރޭގައި ބޭނުންކުރާ ސާމާނު ގަނެގެން ވިޔަފާރި ކުރާ މީހުން ވެސް ވަރަށް ގިނައެވެ. އެހެންކަމުން މިއީ ރާއްޖޭގައި އުޅޭ ޝެއިންއިން ވިޔަފާރި ކުރާ މީހުން ވެސް ސަމާލުވާން ޖެހޭނެ ކަމެކެވެ.



