ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކުރަން އެޤައުމުގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.
ޝެއިޚް ހަސީނާގެ 20 އަހަރަށްވުރެ ގިނަ ދުވަސްވީ ވެރިކަން މިއަހަރުގެ އޮގަސްޓު މަހު ވެއްޓިފައި ވަނީ، އެޤައުމުގައި އޭނާއާ ދެކޮޅަށް ރައްޔިތުން ނުކުމެ ކުރި ބޮޑު މުޒާހަރާތަކުގެ ސަބަބުންނެވެ. އޭނާވަނީ ހަމަ އެމަހު ބަންގްލަދޭޝް ދޫކޮށް އަވަށްޓެރި އިންޑިއާއަށް ފިލާފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ޝެއިޚް ހަސީނާ ވަނީ އޭނާގެ ވެރިކަމުގައި އިންސާނިއްޔަތާ ދެކޮޅަށް ވަރަށް ގިނަ ޢަމަލުތައް ހިންގާފައެވެ. އެކަމުގެ ސަބަބުން އެތައް ސަތޭކަ ރައްޔިތުންނެއް މަރުވި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. އަދި އޭނާއަކީ އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް (އައިސީޓީ) އިން ހޯދަމުންދާ ފަރާތަކަށްވާތީ، އޭނާ ހައްޔަރު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޝެއިޚް ހަސީނާގެ އިތުރުން ބަންގްލަދޭޝްގެ ކުރީ ސަރުކާރުގައި މަސައްކަތް ކުރި އެހެން 45 އިސްވެރިންނެއް ހައްޔަރު ކުރުމަށް ވެސް ކޯޓުން އަމުރު ނެރެފައިވެއެވެ. އޭގެ ތެރޭގައި ބައެއް މިނިސްޓަރުން ވެސް ހިމެނެއެވެ. އެއެންމެން ވެސް ވަނީ ޤައުމު ދޫކޮށް އެހެން ތަންތަނަށް ފިލާފައެވެ.
އައިސީޓީގެ ޗީޕް ޕްރޮސެކިއުޓަރ މުހައްމަދު ތާޖުލް އިސްލާމް މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ޝެއިޚް ހަސީނާ ހައްޔަރުކޮށް އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ވެސް އެ އަމުރުގައި އަންގާފައިވާ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން އޮގަސްޓު މަހާއި ހަމައަށް ބަންގްލަދޭޝްގައި ހިނގި ގަތުލުއާންމުގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ހުރީ ހަސީނާ ކަމަށެވެ.




