ޖުވާގެ ހުރިހައި ބާވަތްތަކެއް މާތްﷲ ވަނީ ޙަރާމްކުރައްވާފައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ޖުވާއަކީ ދެމީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން، އެބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުޠުކުރެވިގެން ކުޅޭ ކުޅިވަރެކެވެ. ޖުވާއަކީ މީސްތަކުންގެ މުދާ ޙަރާމް ގޮތުގައި ކެއުންކަމަށާއި މިއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ z ޙަރާމްކުރައްވައިފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައިކަން ފާހަގަކުރުމަށްފަހު ޚުތުބާގައި ބުނީ ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށް ޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށައިފައި ކަމަށެވެ.
ޚުތުބާގާއި ބުނެފައިވާ ގޮތުގައި މާތްﷲ ޖުވާކުޅުން ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންނެވެ. އެގޮތުން ޖުވާގެ ސަބަބުން ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި:
- ޖުވާކުޅޭ ދޭދޭ މީހުންގެ މެދުގައި އަރައިރުންތަކާއި މާރާމާރީތައް ހިނގުމާއި،
- ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލުމާއި،
- ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވުމާއި،
- ޖުވާކުޅުމުގެ ސަބަބުން ކަންނެތްވުމާއި،
- މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުލިބިދިނުން ހިމެނެއެވެ.
ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. އަދި އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާ އިރު މިވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެ ނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭނެއެވެ.
މިއަދު ބައެއް ޤައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައިކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތައް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި މި ކަމަށް ޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ޤާއިމުކޮށްފައިވާ ކަމަށާއި މި ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވާކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން އަހަރެމެންނާއި އަހަރެމެންގެ އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ޙަލާލު ގޮތުގައި ހޯދައިފައިވާ ތަކެތިކަމުގައި ހެދުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
މިހާރު ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން ދަނީ އާންމުވެ، އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނޭކަން ފަހަގަކޮށް ޚުތުބާގައި ބުނީ މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރި ކަމެއް ކަމަށެވެ. މި ކަންކަމުން ދަރީން ސަލާމަތްކުރުމަށް ޓަކައި ބެލެނިވެރީން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.



