ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފް ކުރުމަށް ނިންމައިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިމަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ގުޅިގެން ކަމަށެވެ.
މިމަޝްރޫޢުގެ ދަށުން ބައިކް ޝެއަރިން ސްކީމެއް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިގޮތުން ތިމާވެއްޓާ ރައްޓެހި 100 ބައިސްކަލު އެޗްޑީސީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން ތިމާވެއްޓާ ރައްޓެހި ބައިސްކަލް ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ.
”މިކަމަށްޓަކައި ސޯލާ ޗާޖިން ސްޓޭޝަންތަކެއް ޤާއިމުކުރެވޭނެ. އަދި މިކަމަށް ބޭނުންވާ ދިރާސާގެ މަސައްކަތް މިހާރުވަނީ ނިމިފައި. ފައިސާ ވެސް ވަނީ ހަމަޖެހިފައި.“ ވަޒީރު ވިދާޅުވި އެވެ.
މީގެއިތުރުން، ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ތިމާވެއްޓާ ރައްޓެހި ދުއްވާތަކެތި ތަޢާރަފުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.



