އައިފިލްމްސްއާއި ކަޒްމިކް އިންޓަނޭޝަނަލްއިން އަލަށް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ”ދޭދަރު ރުއިން“ ގެ ދެވަނަ ޕޯސްޓަރު މިއަދު ދައްކާލައިފިއެވެ.
ކާމިޔާބު ފިލްމުތަކެއް ކަމަށްވާ ”ބަވަތި“ އަދި ”ނީނާ“ ޕްރޮޑިއުސް ކުރި ހުނަރުވެރި ޓީމުން ގެނެސްދޭ މި ފިލްމަކީ އެކްޝަން ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.
މިފިލްމުގެ ލީޑް އެކްޓަރުންގެ ގޮތުގައި ހިމެނެނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ، އަދި ގިނަ ފިލްމުތަކާ ސީރީޒްތަކުން ވެސް މިހާރު ފެންނަމުންދާ ކުޅަދާނަ ތަރި ސަރަފް ޢަބްދުﷲ އެވެ. އޭނާއާކު ދެން ފެނިގެންދަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސް އޭނާގެ ހުނަރު ދައްކާ ފުރިހަމައަށް ދައްކާ ދީފައިވާ މައިހާ އާދަމް އެވެ.
މިދެތަރިންގެ އިތުރުން ހާޒިފް މުޙައްމަދުގެ ވަރަށް ތަފާތު އެކްޓިންގެއް ވެސް މި ފިލްމުން ފެނިގެން ދާނެއެވެ. އަދި އަލަށް ދާއިރާއަށް ތަޢާރަފްވާ މޫސާ ރަޝީދުއާއި ސުޝްމާ ސުބޭދީގެ ކުޅަދާނަ އެކްޓިންގް ވެސް ފެނިގެންދާނެއެވެ.
ފިލްމު ”ދޭދަރު ރުއިން“ ގެ ޓީޒަރ މިއަހަރުގެ އޮކްޓޯބަރު މަހު ބެލުންތެރިންނާ ހަމައަށް ދައްކާލާފައިވާއިރު، އޭގެން ފެންނަ މަދު މަންޒަރުތަކަކުން ވެސް ބެލުންތެރިންގެ ޝައުގުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެއިތުރުން މިއަދު ރިލީޒްކުރި އައު ޕޯސްޓަރާއެކު ފިމްލަށް ކުރެވޭ އިންތިޒާރު ވެސް ވަނީ އިތުރުވެފައެވެ.
ޑައިރެކްޝަނަށް މުޅިން އަލަށް ތަޢާރަފްވާ އައްޒާމް ލިޔެ ޑައިރެކްޓު ވެސް ކޮށްފައިވާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަހު ސްކްރީނުގައެވެ.




