ގއ. މާމެންދޫ ބީޗްވިލާ ވިފާޤް އިބްރާހިމް އަދުނާން އިމާރާތަކުން ވެއްޓި ހާދިސާ ރިޕޯޓުކަމަށް ބުނެ ދައުރުވަމުންދަނީ ސައްހަ ލިޔުމެއް ނޫން ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ވިފާޤް ނިޔާވީ މާލޭގެ ކަސްޓަމްސް ސަރަހައްދުގައި ހުރި އިމާރާތަކުން ވެއްޓި މިދިޔަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ. އޭނާގެ މަރާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ މިހާދިސާގެ ވަރަށް ގިނަ މައުލޫމާތުތަކެއް ހިއްސާ ކޮށްފައެވެ. އެކަމުގެ ސަބަބުން ސެންވިޓިވް މައުލޫމާތުތަކެއް ހާމަކުރި ކަމަށް ބުނެ އާންމުންވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔައިފައެވެ. އެކަމަށްޓަކައި ފުލުހުން ފަހުން މާފަށްވެސް އެދުނެވެ.
ވިފާޤުއަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ދޮގުކޮށްފައެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހަށިގަނޑު ގެންގޮސް ތަހުލީލު ކުރުމުން އޭނާ އަކީ ބިކުރުވެރި އަންހެނެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ވިފާޤްގެ މަރުގެ ހާދިސާ ރިޕޯޓުކަމަށް ބުނެ މިހާރު މީސްމީޑިއާއާއި އެހެން މަންސަތަކުގައި ރިޕޯޓެއްދަނީ ދައުރުވަމުންނެވެ. އެރިޕޯޓާ ގުޅޭގޮތުން ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށެވެ.




