ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތްތައް ދޭން މިއަހަރު ނިމުމުގެ ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ބޭންކަށް މުވައްޒަފުން ނަގަން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮކިމް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑުން ބުނެފިއެވެ.
ސައްތާއިން ސައްތަ ދިވެހި ސަރުކާރުގެ ހިއްސާ އޮންނަ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ބޭންކެއް ހުޅުވުމުގެ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ. އެގޮތުން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ގެ ކުރިން މިބޭންކުގެ މަސައްކަތްތައް ފެށުމަށް އެމްއެމްއޭ އިން ދިން ލައިސެންސުގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލައިސެންސް ލިބުމާއެކު ބޭންކުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ މި ޑިވެލޮޕްމެންޓު ބޭންކުގެ ޚިދުމަތްތައް މިއަހަރު ނިމުމުގެ ކުރިން ފެށުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ ބޭންކު އުފެއްދުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހަޅާފައިވަނީ މިދިޔަ ޖުލައިމަހުއެވެ.




