އިޒްރޭލުގެ ބޮޑުވަޒީރު ބަންޖަމިން ނަތަންޔާހޫގެ ގެއަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް މިއަދު ދީފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ހިޒްބުﷲގެ ހަނގުރާމަވެރިން ލުބްނާން ތެރެއިން ފޮނުވާލި ކަމަށް ބެލެވޭ ޑްރޯނެއް ގަސީރާ ސަރަހައްދަށް އަމާޒުކުރި ކަމަށް ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާގެއްގައި ވަނީ ބުނެފައެވެ. އެއީ އޭނާގެ އަމިއްލަ ގެ ހުންނަ ސަރަހައްދެވެ.
ޑްރޯން ހަމަލާ ދިންއިރު އިޒްރޭލުގެ ބޮޑުވަޒީރާއި އޭނާގެ އަންހެނުން ގޭގައި ނޫޅޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްވެސް ނުވެއެވެ.
ޣައްޒާއަށް ގަވާއިދާ ޚިލާފަށް އިޒްރޭލުން އަރައިގަނެ، ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމުގެ ގޮތުން އީރާންގެ އެހީތެރިކަމުގައި ލުބްނާނުން ވެސް ވަނީ އިޒްރޭލަށް ރައްދު ދޭން ފަށާފައެވެ.
އިޒްރޭލުން ބުނި ގޮތުގައި ލުބްނާން ތެރެއިން ތިން ޑްރޯނެއް އިޒްރޭލުގެ މެދުތެރެއަށް އަމާޒުކޮށް ފޮނުވި އެވެ. އޭގެ ތެރެއިން ދެ ޑްރޯނެއް އިންޓަސެޕްޓްކޮށް ވައްޓާލެވުނަސް ނަތަންޔާހޫގެ ގެޔާ ދިމާލަށް ފޮނުވާލި ޑްރޯން ވައްޓާއެއް ނުލެވުނެވެ.



