ބީލަމަށް މަކަރު ހަދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން އުސޫލެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެގޮތުން ދައުލަތުގެ ބީލަންތައް ކާމިޔާބު ކުރުމަށްފަހު މަކަރު ހެދުމާއި، މަސައްކަތާ ހަވާލުވުމަށްފަހު އެމަސައްކަތް ނުކުރާ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންގެ އިތުރުން ބީލަންވެރިން ވަކި މުއްދަތަކަށް ސަސްޕެންޑުކޮށް ޖޫރިމަނާވެސް ކުރެވޭނެ ކަމަށް ފިނޭންސުން އެކުލަވާލި އުސޫލުގައިވެއެވެ.
މިދިޔަ ބުދަ ދުވަހު އެ މިނިސްޓްރީން ގެޒެޓުކޮށް އަމަލުކުރަން ފެށި މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފުވާ ބީލަންވެރިންނާއި ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުން ޖޫރިމަނާކޮށް ސަސްޕެންޑު ކުރާނެ އުސޫލުތައް ކަނޑައެޅުމާއި ދައުލަތުގެ ޕްރޮކިއުމަންޓުތަކުގެ ނަޒާހާތްތެރިކަން ކަށަވަރުކޮށް، ދެފުށް ފެންނަ ސިޔާސަތުތަކެއް ގެންގުޅުމުގެ އިތުރުން ފިޔަވަޅު އެޅޭނެ ފަދަ އަމަލުތަކުން ކޮންޓްރެކްޓަރުން ދުރުކުރުން ހިމެނެއެވެ.
މި އުސޫލާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ޖޫރިމަނާކޮށް ސަސްޕެންޑުކުރާނީ ބީލަމުގެ މައްސަލަތައް ބަލަން ފިނޭންސް މިނިސްޓްރީގައި އެކުލަވާފައި އޮންނަ ”ޕްރޮކިއުމަންޓު އެޕީލް ބޯޑުން“ ކަމުގައި ވެސް ފިނޭންސް މިނިސްޓްރީން އަންގާފައިވެއެވެ.




