މިއަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައ ކުރިއަށް ގެންދިއަ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ނިންމި ނަމަވެސް އެ ބަޖެޓްގެ އަދަދެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޒަމީރު ވިދާޅުވީ ހުށަހަޅަން ނިންމާފައިވާ ސަޕްލިމަންޓަރީ ބަޖެޓްގެ އަދަދު ކަނޑައަޅާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމާ ގުޅޭ ގޮތުން ކެބިނެޓުގެ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
”ދެން އޭގައި އަޅުގަނޑުމެންނަށް ސަޕްލިމެންޓު ކުރަން ޖެހޭ ސީދާ އަދަދެއް ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ ވެސް އަދި އިތުރު ލަފާ ހޯދައިގެން އަދި ރައީސުލްޖުމްހޫރިއްޔާގެ ވެސް ލަފަޔާ އެކީގައި،“ ޒަމީރު ވިދާޅުވި އެވެ. ”އަދި ހަމަ އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް އަޅުގަނޑުމެންނަށް ލިބުނީމަ ފައިނަލް އަޅުގަނޑުމެން ނިންމާލާނީ. އެކަމަކު ހުށަހަޅާނަން.“
މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާއެވެ. ކުރީ ސަރުކާރުން ވަނީ މިދިޔަ އަހަރުވެސް ދައުލަތުގެ ބަޖެޓު ހުސްވެގެން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ. އެފަހަރު ފާސްކުރީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ.




