ހަމާސް ޖަމާއަތުގެ ލީޑަރު ޔަހްޔާ ސިންވާރް އިޒްރޭލުގެ ސިފައިން ޝަހީދުކޮށްލުމާ ގުޅިގެން އަދާލަތު ޕާޓީން އެ ޖަމާއަތަށް ތައުޒިޔާ ކިޔައިފިއެވެ.
މިކަމާ ގުޅިގެން އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޞިހްޔޫނީ ޔަހޫދީންގެ އަނިޔާވެރި ވަކިތަކުން މުސްލިމުންގެ ފުރަތަމަ ޤިބްލަ އަލްމަސްޖިދުލް އަޤްޞާ މިނިވަންކުރުމަށާއި؛ ފަލަސްޠީނުގެ ރައްޔިތުންނަށް ޞިހްޔޫނީން ދެމުންދާ އަނިޔާތަކުން ސަލާމަތްކުރުމަށް ޖިހާދު ކުރަމުން އަންނަ ޙަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ (ޙަމާސް) ގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ އަދި މުޅި ދުނިޔެ އަޖާއިބު ކުރުވި ޠޫފާނުލް އަޤްޞާ ހަނގުރާމައިގެ 7 އޮކްޓޯބާރ 2023 ގެ ހަމަލާގެ މޭސްތިރި އަލްޤާއިދު ޔަޙްޔާ ސިންވާރު އަބޫ އިބްރާހީމް ޝަހީދުކޮށްލެވުމުގެ ހިތާމައިގައި އެ ޕާޓީން ބައިވެރިވެ، ޝަހީދު ޔަޙްޔާ ސިންވާރުގެ ޢާއިލާއަށާއި ފަލަސްޠީނުގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވަނީ ސިންވާރްއާ ގުޅޭގޮތުން ބައެއް މައުލޫމާތު ވެސް ހިއްސާ ކޮށްފައެވެ. އެގޮތުން އެ ޕާޓީން ބުނީ 1962 ވަނަ އަހަރު ޣައްޒާގެ ޚާންޔޫނުސް ރެފިއުޖީ ކޭމްޕަށް އުފަންވެ ވަޑައިގެންނެވި ޔަޙްޔާ ސިންވާރު ކިޔަވާ ވިދާޅުވީ ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީން ކަމަށެވެ. އަދި އަލްމަސްޖިދުލް އަޤްޞާ މިނިވަން ކުރުމުގެ މަތިވެރި ޖިހާދާ ގުޅިވަޑައިގެން އައްޝައިޚް އަޙްމަދު ޔާސީންގެ އަރިހުގައި މަސައްކަތްކުރަށްވަން ފައްޓަވާ 1983 ވަނަ އަހަރު ސެކިއުރިޓީގެ މަސައްކަތުގެ ބިންގާ މުޅިން އަލަށް އަޅުއްވާ މަސައްކަތް ފެއްޓެވި ކަމަށް ވެސް ބުންޏެވެ. އަދި އެޔަށް ފަހު 1986 ވަނަ އަހަރު އައްޝައިޚް އަޙްމަދު ޔާސީންގެ ބެލުމުގެދަށުން ޖިހާދާއި އިސްލާމީ ދަޢުވަތުގެ އޯގަނައިޒޭޝަންއެއް އުފެއްދެވުމަށް ޔަޙްޔާ ސިންވާރުއާ ހަވާލުކުރެވި ބިންގާއެޅި މަސައްކަތްފެށި 1987 ވަނަ އަހަރަ ޙަމާސް އުފެދިގެން ދިޔައެވެ. އެމަނިކުފާނު ވެފައިވަނީ ޙަމާސްގެ އެންމެ ފާހަގަކުރެވޭ ޤާއިދުންގެ ތެރެއިން ކަމަށާށި އަދި އެއީ އަނިޔާވެރި ޞިޙްޔޫނީން އެންމެ ޖެހިލުންވާ އެއް ޤާއިދު ކަމަށް ވެސް އަދާލަތުން ބުނެފައިވެއެވެ.




