ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި (ޕެޓް)ގެ ބޭލްޑް ކޮންޓެއިނަރެއް ރާއްޖޭން ފުރަތަމަ ފަހަރަށް އެކްސްޕޯޓުކޮށްފިއެވެ.
ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ހަރަކާތެއްގައި ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އިން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިހަރަކާތުގެ ދަށުން ޕިކަޕާއި ބެލާ ހިމެނޭ ސާމާނު ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ހަވާލުކޮށްފައިވެއެވެ.
ޓީސީސީއެފްގެ ޚަރަދުކޮށްގެން، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އަދި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ޕެޓް ފުޅި އެއްކުރުން ހަރުދަނާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މިހަރަކާތުގެ މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމަށް މުޅި ރާއްޖެއަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމަށް ބޭނުންވާ އާލާތްތަކާއި ނިޒާމުތައް ގާއިމް ކުރުމެވެ.
މިއަދު ބޭއްވި ހަރަކާތުގައި ވާހަކަދައްކަމުން، މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވީ، މި ހަރަކާތަކީ ޕްލާސްޓިކް ކުންޏާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ލިބުނު އިންގިލާބީ ކުރިއެރުމެއް ކަމަށެވެ.
މައުމޫން ވިދާޅުވީ މުޖުތަމައުތަކަށް ތައުލީމު ދިނުމާއި ވެމްކޯ ފަދަ ގައުމީ ބައިވެރިންނާ ގުޅިގެން ކުނި މެނޭޖްކުރާ ގޮތް ރަނގަޅު ކުރުމުގެ އިތުރުން، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ތިމާވެށީގެ ރައްކާތެރިކަމަށް މަގުފަހިކޮށްދިނުމަކީ މޯޕާގެ އަމާޒެއް ކަމަށެވެ.
ޕްލާސްޓިކް ފުޅި އެއްކުރުމުގެ ނިޒާމުތައް ފުޅާކުރުމަށާއި ރީސައިކަލް ކުރުން ހަރުދަނާކޮށް ތަރައްގީ ކުރެވެންދެން މުޅި ރާއްޖޭގައި ފުޅި އެއްކުރެވޭ މިންވަރު ރަނގަޅުކުރުމާއި، ރީސައިކަލް ކުރުމަށް ބޭނުންކޮށްފައި ހުންނަ ފުޅި މެލޭޝިއާއާއި ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ މައްޗަށް މިހަރަކާތުގައި ވަނީ އަލިއަޅުވާލާފައެވެ.




