ނިމިދިޔަ ސަރުކާރުން ޤާނޫނުއަސާސީ އާއި ޚިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މިއަދު މިފެނިގެންދަނީ ނިމިދިޔަ ސަރުކާރުން ލިބުނު ސުޕާ މެޖޯރިޓީ ބޭނުންކޮށް، ނަހަމަ ގޮތުގައި ކުރަމުންދިޔަ ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާ ކަމަށެވެ.
މީގެއިތުރުން، ދިވެހި ދަޢުލަތަށް ކޮވިޑުގެ ދުވަސްވަރު ލިބުނު އެހީތަކުގެ ތަފްސީލު ވެސް ފޮރުވާފައިވަނީ މިބީދައިން ކަމަށާއި ގާނޫނުއަސާސީ އާއި ޚިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލީ ހިސާބުތައް އޮޅުވާލާފައި ވަނީ ރައީސް އޮފީހުގެ ނުފޫޒުން ކަމަށާއި މާލީ ހިސާބުތަކާއި މެދު ސަރުކާރުން ހަދަނީ ބުހުތާން ދޮގުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވުމާއި ގުޅިގެންނެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މަޝްރޫޢުތަކުގެ ހިސާބުތައް ބަލަހައްޓާފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި، ހިސާބުތައް ބެލެހެއްޓުމުގައި މާލިއްޔަތު ޤާނޫނާއި ޚިލާފުވެފައިވާ ކަމަށް މިސަރުކާރުން ބުނުމާއި ގުޅިގެން އަމީރު ވިދާޅުވީ ހިސާބުތައް ދިމާ ނުވާ ކަމަށް ބުނެ ސަރުކާރުން ހަދަމުން ދަނީ ބޮޑެތި ދޮގު ކަމަށެވެ.



