އިންޑޮނޭޝިއާގެ އާ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސުބިއަންތޯއަށް މަރުޙަބާ ވިދާޅުވެ ރައީސް ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ދައުރުގައި ތަރައްގީގެ އައު ހަރުފަތްތަކެއް ގިރާކުރެވި ސުލްޙަ މަސަލަސްކަން ގާއިމުކޮށް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ސިޓީފުޅުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖެ އާއި އިންޑޮނޭޝިއާއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ދެމެހެއްޓުމަށް އިންޑޮނޭޝިއާ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާ ކަމަށެވެ.
އެމަނިކުފާނުގެ ސިޓީފުޅު ނިންމާލައްވަމުން ސުބިއަންތޯއަށް ދުޅަހެޔޮ ސިއްޙަތަކަށް އެދިވަޑައިގެން، އިންޑޮނޭޝިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.




