ބެންކޮކުން ރާއްޖެއައި ދިވެއްސެއްގެ ލަގެޖުން ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ބެންކޮކުން ރާއްޖެއައި އުމުރުން 33 އަހަރުގެ ފިރިހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި މިތަކެތި ފެނިފައިވާ ކަމަށެވެ.
އެގޮތުން ކަސްޓަމްސްއިން އޭނާގެ ލަގެޖު ބަލައި ފާސްކުރުމުން ފެނުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ވަނީ ފައްސި ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.86 ކިލޯ ހުރި ކަމަށާއި، މިތަކެތީގެ މަގުމަތީ އަގު 3,348,000.00 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން މިހާރު މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެފައިވާ މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.




