ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދެއް ރަސްމީ ދަތުރެއްގައި އިއްޔެ މެލޭޝިޔާއަށް ވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ޒަކާތު ހައުސްގެ ވަފުދު މެލޭޝިޔާއަށް މިކުރާ ދަތުރަކީ މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާބެހޭ އިދާރާގެ ވަޒީރު ޕްރޮފެސަރ ޑރ މުޙައްމަދު ނަޢީމް މުޚްތާރުގެ ދަޢުވަތަކަށް، އެއިދާރާގެ މެހްމާންދާރީގައި ކުރާ ދަތުރެކެވެ.
މި ދަތުރުގެ ތެރެއިން މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛު ޢިއްޒައްދީން ޢަދުނާންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމުގެ އިތުރުން، ޒަކާތު ހައުސްގެ މުވައްޒަފުން ތަމްރީނުކުރުމަށް ވެސް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.
ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދުން ވަނީ މިދަތުރުގައި މެލޭޝިޔާގެ ޒަކާތު އޮފީސްތަކަށް ވަޑައިގެން ތަމްރީނު ހޯއްދަވާފައެވެ. މެލޭޝިޔާއަކީ ޒަކާތުގެ އިދާރީ އެންމެ ހަރުދަނާ ނިޒާމު އޮންނަ އިސްލާމީ އެއް ޤައުމެވެ.
ދިވެހިރާއްޖޭގައި ޒަކާތަށް ޚާއްޞަ އިދާރާއެއް ޤާއިމު ކޮށްދެއްވީ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ޒަކާތު ހައުސް އިފްތިތާޙު ކޮށްދެއްވީ 18 ޑިސެންބަރު 2023 ގައެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު، ޒަކާތަށް އާއްމުން ހޭލުންތެރިކުރުމަށާއި، ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ޒަކާތު ހައުސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




