މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 19 ވަނަ ދުވަހުއެވެ.
އެގޮތުން މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ / އެވަރގްރީން މުޙައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ މުޙައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ / ރަނަކުރި އިބްރާހީމް މާޖިދު (31އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށް، ތިން ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެގޮތުން އެ ގެތައް ބަލައިފާސް ކުރުމުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމް ކަމުގައި ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް އަދި މުޙައްމަދު މައިހާން ފަޔާޒާއި އިބްރާހީމް މާޖިދު ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




