މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިހަފްތާ ތެރޭގައި ދެވޭތޯ ބަލަމުން އަންނަ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ބުނެފިއެވެ.
މިފްކޯ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28 އިން ފެށިގެން މިފްކޯއަށް ކިރާފައިވާ މަހަށް ދޭން ޖެހޭ ފައިސާ އަދިހުރީ މަސްވެރިންނަށް ނުދެވިއެވެ.
އެގޮތުން އެދުވަހުން ފެށިގެން މިހިނގާ އޮކްޓޯބަރު މަހުގެ 14 އާ ހަމައަށް މަސްވެރިންނަށް އެކުންފުނިން 9.1 މިލިއަން ރުފިޔާ ދޭން ޖެހޭކަމަށް ހިސާބުތަކުން ދައްކައެވެ.
މަސްވެރިންނަށް ފައިސާ ނުދެވި ލަސްވަނީ، މަސްވެރިކަން ދަށަށް ގޮސްފައި ހުރުމުގެ ސަބަބުންނާއި އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް މިފްކޯ އިން ބުންޏެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރަނީ ޕެންޑިންގްގައި ހުރި ފައިސާ ވީ އެންމެ އަވަހަކަށް ހޯދައި، މަސްވެރިންނަށް އެ ފައިސާ މިހަފްތާ ތެރޭގައި ޖަމާކުރުމަށް ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.




