ހއ. ބާރަށުގައި އީކޯ-ޓޫރިޒަމް މަޝްރޫޢެއް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ އިންވެސްޓަރުން އެކަމަށް އެދި ހުށަހެޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން އިއުލާންކޮށްފިއެވެ.
އެމިނިސްޓްރީން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ވަނީ ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 71,832 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ބީލަން ހުށަހެޅުމަށް އެމިނިސްޓްރީން ވަނީ އެދިފައެވެ.
މީގެއިތުރުން މިނިސްޓްރީން ވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް އެޑްރެސް planning@tourism.gov.mv އަށް ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް އެދިފައެވެ.
މާދަމާ އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އާއި ދެމެދު ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަން ފޮތް ލިބެން ހުންނާނެ ކަމަށް އެމިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.




