ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން (އާރްއޭސީ) ޓެކްނީޝަނުން ތަމްރީނު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިޓެކްނިކް އާއި އެންވަޔަރަމެންޓް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ތިން އަހަރުގެ މުއްދަތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓެކްނީޝަނުން ތަމްރީނު ކުރުމަށް ހަދާފައިވާ މިއެއްބަސްވުމަކީ އާރްއޭސީ ސާވިސިން ދާއިރާއަށް ލައިސަންސިން ނިޒާމެއް ތަޢާރަފުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއެއްބަސްވުމުގެ ދަށުން ޓެކްނީޝަނުން ތަމްރީނު ކުރުމަށް ބޭނުންވާ އާލަތްތައް ހޯދުމަ ށާއި، މުސްތަޤުބަލުގައި ރެފްރިޖަރަންޓް ރީސައިކަލް ކުރުމާއި އަލުން ބޭނުންކުރެވޭ ގޮތަށް ސާފުކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބި އާރްއޭސީ ޓެކްނީޝަނުންނަށް ފަންނީ ހުނަރު އިތުރުވެގެންދާނެ ކަމަށާއި، ދާއިރާގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީ ބުނެފައިވެއެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި މިކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ދެނިވި ގޭސްތައް ޖައްވަށް ބޭރުވާ މިންވަރު މަދަދުކުރުމަށްވެސް އެހީތެރިވެގެންދާނެއެވެ.




