ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ވިޔަފާރިތަކުގެ ނަންތައް އާންމުކުރާނެ ކަމަށް އެއިދާރާއިން ބުނެފިއެވެ.
އެޗްޑީސީން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ކޯޕަރޭޝަނަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކައިވާ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާކަމަށެވެ.
އެގޮތުން، ވިޔަފާރި އުސޫލުން ދެމުން އަންނަ ޚިދުމަތްތަކަށް ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި ނުދައްކާ ހުރި ފަރާތްތަކުން މިއަދުން ފެށިގެން ނޮވެމްބަރު 30 ގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކޮށް އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާކަން ޔަގީންކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އެ މުއްދަތުގެ ތެރޭގައި ފައިސާދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިސްއެއް ދީ، އެ ފަރާތްތަކުގެ މައުލޫމާތާއި އެޗްޑީސިއަށް ދައްކަންޖެހޭ ފައިސާގެ ތަފުސީލު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީގެ އިތުރުން ސަރުކާރު އެހެން އިދާރާތަކުން ވެސް ވަނީ އެ އިދާރާތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބައެއް އިދާރާތަކުން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ވެސް ދަނީ ހާމަކުރަމުންނެވެ.



