އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާކޮށް ގާނޫނަށް އިސްލާހުގެންނަން ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
”އެކްސް“ މެދުވެރިކޮށް މިކަން އާންމު ކުރައްވަމުން ރައީސް މުޢިއްޒު ރޭގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
”މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ.“ ރައީސް ވިދާޅުވެފައިވެއެވެ.
ކުޑަކުދިން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުކުރުމަށްޓަކައި ރައީސް މުޢިއްޒު ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މިކަމާ ގުޅޭގޮތުން އެމަނިކުފާނު އެޅުއްވި އެންމެ ފުރަތަމަ ފިޔަވަޅަކީ ރާއްޖޭގައި ވޭޕްއާއި ވޭޕްގެ ބާވަތްތައް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރަން މިމަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ނިންމެވި ނިންމެވުމެވެ.




