ދުންފަތުން ނަގާ ޓެކުހާއި ޑިއުޓީ ބޮޑުކުރާތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އަޒުމު ކަނޑައަޅުއްވާފައިވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީ ބޮޑުކުރުމަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހެއް ހުށަހަޅާފައެވެ. އަދި އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ބަލައިގެންފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މި އިސްލާހަށް ތާއީދު ކުރައްވަމުން އައްބާސް ވިދާޅުވީ މިފަދަ އިސްލާހުތަކަކީ މާދަމާގެ ޒުވާން ޖީލު ދުންފަތާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެޅިގެންދާ ވަރުގަދަ ފިޔަވަޅަކަށް ވާނެ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން އެކަމަށް ކުރާ ހޭދައިން ސަލާމަތްވެ، އާންމު ދިރިއުޅުމުގެ އިގްތިސޯދު ރަނގަޅުވާނެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
މީގެއިތުރުން އައްބާސް ވިދާޅުވީ ވޭޕާއި އެއާ ގުޅުން ހުރި އާލާތްތަކަކީ މި ރާއްޖެ ނޫނަސް މިއަށް ވުރެ ކުރިއަރާފައި ހުރި، އެއް ވަނަ ދުނިޔޭގެ ގައުމުތަކުގައި ވެސް ގާނޫނުން ބޮޑުތަނުން މަނާކޮށްފައި ހުރި ކަންތައްތައް ކަމުގައެވެ.



