އުމުރުން 57 އަހަރުގެ މަންމައަށް ވަޅިން ބިރުދައްކާ މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓަކުން އަންހެނަކު ރޯ އަޑު އިވޭކަމަށް ބުނެ އިއްޔެ 18:17 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިރިޕޯޓާއި ގުޅިގެން ފުލުހުން އެއެޕާޓްމެންޓަށް ގޮސް ދޮރުގައި ޓަކި ޖެހުމުން އަންހެނަކު ދޮރު ހުޅުވާފައިވާ ކަމަށާއި އެއަންހެންމީހާގެ ދަރިފުޅު އުމުރުން 28 އަހަރުގެ ހ.އެހެޑަ، މުޙައްމަދު އިސްމާޢީލް އެއަންހެންމީހާއަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލަނެ ކަމަށް ބުނެ އިންޒާރުދީ، ފޯނު ފޭރިގަނެގެން ގޮސްފައިވާ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އެހެންކަމުން މިމައްސަލަ އާއި ގުޅިގެން ފުލުހުން ވަނީ މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އަންހެންމީހާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.




