ރާއްޖޭގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ޤަވައިދުގެ ތެރެއަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ކުރަމުންދާ މަސައްކަތްތަކުން ކާމިޔާބީތަކެއް ހޯދިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ މިލިޔަން ދަޢުލަތަށް ލިބެންޖެހޭއިރު، އޭގެތެރެއިން 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ މިހާރު ދައުލަތަށް ހޯދާފައިވާ ކަމަށެވެ.
”ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް މިހާރު ހޯދައިފިން. މިހާރު ނުލިބި ވަނީ 703 މިލިއަން ރުފިޔާ.“ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ދޫކޮށްފައިވާ ހުއްދަތަކާ ގުޅިގެން، ވަޒީފާދޭ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފީތަކާއި ޖޫރިމަނާތައް ހޯދުމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެވުޒާރާއިން ވަނީ ފީތަކާއި ޖޫރިމަނާތައް ދެކުމަށް އިސްތިމާސް ކުރުމަށްފަހު އެފައިސާ ނުދައްވާ މީހުންގެ ލިސްޓު އާއްމުކޮށްފައެވެ. އޭގެ އިތުރުން، ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް ބޭނުން ނުކުރެވޭ ގޮތަށް ވެސް އެވުޒާރާއިން ހަދާފައިވެއެވެ.




