ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ ”އޮޕަރޭޝަން ކުރަނގި“ ފުޅާކުރެވި 6891 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މިބައްދަލުވުމުގައ ”އޮޕަރޭޝަން ކުރަނގި“ މުޅި ރާއްޖެއަށް ފުޅާކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޖޫން މަހުގެ 3 ވަނަ ދުވަހު ފެށި މި އޮޕަރޭޝަނުގައި މިހާތަނަށް 6891 ބިދޭސީއެއް ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް 82 ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށެވެ.
ވަޒީރު ހާމަކޮށްފައިވާ ގޮތުގައި ޢަމާޒަކީ 1 އަހަރުތެރޭގައި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުން ކަމަށާއި، ނަމަވެސް މިހާރު އެ މަސައްކަތް ކުރިއަށްދާ ބާރުމިނުގައި ކުރިއަށްދާނަމަ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެ މަޢުލޫމާތު އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
މި އޮޕަރޭޝަން މިހާރު މުޅި ރާއްޖެއަށް ފުޅާކުރެވިފައިވާއިރު، ވަޒީރު ވިދާޅުވީ ވަރަށް އަވަހަށް މާލޭ ސަރަޙައްދުގައިވެސް ފަށްޓަވާނެކަނެ ކަމަށެވެ.
”މާލެގައި ކުރަނގި އޮޕަރޭޝަން ނޮވެމްބަރު 1ވަނަ ދުވަހު ފަށާނަން. 150އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ. ވުޒާރާ އަދި ސަރުކާރު އެސްއޯއީތަކުގެ އެހީއާއި އެކު މި މިސައްކަތް ކުރާނީ.“ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
ވަޒީރު ހާމަކޮށްފައިވާ ސަރުކާރުގެ އަމާޒަކީ ގޮތުގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ ހައްލެއް ގެނައުމެވެ.



