ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ތައްޔާރުވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރަން ބަލަންޖެހޭ މިންގަނޑުތަކެއް ހުންނަ ކަމަށާއި އެގޮތުން ސުވާލު ނުއުފެދޭ ވަރަށް ދެ މީހެއްގެ މައްޗަށް މިހާރު ވެސް މަރުގެ ހުކުމް ތަންފީޒު ކުރެވެން އެބަ އޮތް ކަމަށެވެ.
”ދެން އޮތީ ތަންފީޒީ މަރުހަލާ. އެހެންވީމަ އެއަށް ހަދަން ޖެހޭ، އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް އަދި ތަން ވެސް ތައްޔާރުކޮށް މީހުން ތަމުރީނުކޮށް މިކަންކަން އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ އަޅުގަނޑުމެން މިހާރު އިއުލާން ކުރައްވާފައި އޮތް ގޮތަށް އެކަން ކުރާނަން ދިވެހިރާއްޖޭގައި،“ އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ މި މަސައްކަތް ނިމުނުހާ އަވަހަކަށް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމެވެ. އެހެންނަމަވެސް އެކަމަށް ވަކި ތާރީހެއް ދޭން ބޭނުން ނުވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެންމެފަހުން މިގައުމުގައި މަރުގެ އަދަބު ދީފައިވަނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީންގެ ވެރިކަމުގައި 1953 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިއަދާއި ހަމައަށްވެސް މަރުގެ ޙުކުމް ކޮށްފައިވީ ނަމަވެސް ޙުކުމް ތަންފީޒު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމައިފައިވެއެވެ.



