ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުޙައްމަދު ނ. މާފަރަށް ޒިޔާރަތް ކުރައްވާ، ފެނަކަ މާފަރު ބްރާންޗުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފިއެވެ.
އެ ކުންފުނީގެ އެހެން އިސްވެރިންނާއެކު ރޭގައި ކުރެއްވި މިދަތުރުފުޅުގައި އެމްޑީ މުޢާޒް ވަނީ ފެނަކަ މާފަރު ބްރާޗުގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ވެސް ބައްލަވާލައްވާއެވެ.
އަތޮޅުތެރޭގެ ރަށްތަކުގައި ކަރަންޓާއި ފެން އަދި ނަރުދަމާގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރަމުން އަންނަ ސަރުކާރު ކުންފުންޏެއް ކަމަށްވާ ފެނަކައިން ދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެކުންފުނިން ދެމުންގެންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޅ. ހިންނަވަރުގައި އެކުންފުނީގެ އައު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު އެމަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. މީގެއިތުރުން ހަމައެރަށުގައި އެރަށުގެ ފެނުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު އެރަށަށް އިތުރު އާރްއޯ ޕްލާންޓެއް ވެސް ވަނީ ގެންގޮސްފައެވެ.
ހިންނަވަރުގެ އިތުރުން ޅ. ޅޮހީ ފެނަކަ ބްރާންޗުގައި ޑީސަލް ރައްކާ ކުރުމަށް ޓޭންކް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
މީގެއިތުރުން ތ.ވޭމަންޑޫ ގައި ހިންގާ އާރުއޯ ޕްލާންޓުގެ ފީޑް ޓޭންކް ފަޅައިގެން ގޮސްފައިވާތީ، ފީޑް ޓޭންކް ބަދަލު ކުރުމުގެ މަސައްކަތް ވެސް ފެނަކަ މުވައްޒަފުން ދަނީ ކުރަމުންނެވެ.


