ކެފޭތަކާއި ރެސްޓޯރަންޓުތަކުގައި ނުގަވައިދުން ދުންފަތުގެ އިސްތިއުމާލު ކޮށްފިނަމަ، އެތަނެއްގެ ވިޔަފާރި ހުއްދަ ބާތިލުވާ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންއެވެ. އެގޮތުން މެންބަރު އައިފާން ހުށަހެޅުއްވީ ރާއްޖޭގައި ވޭޕް އެތެރެ ކުރުމާއި މަނާ ކުރުން އަދި ދުންފަތުގެ ވިޔަފާރި މުއާމަލާތް ކުރެވޭނެ ހަގު އުމުރަކީ 21 ކަމަށް ހެދުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމަށެވެ.
އެ ގާނޫނުން ބުނާގޮތުގައި ދުންފަތުގެ އިސްތިއުމަލު ކުރުން މަނާ ތަނެއްގައި އެކަން ކޮށްފިނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މިއީ 2010 ވަނަ އަހަރު ފާސްކޮށް އަމަލުކުރަން ފެށި ގާނޫނެކެވެ. އޭގެ ފަހުން މި ގާނޫނަށް އިތުރު އިސްލާހެއް ގެނެސްފައެއް ނުވެއެވެ.
ނަމަވެސް މިހާރު އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ގާނޫނުގައި ހުރި ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ހިމަނާފަ އެވެ. އެގޮތުން މަނާ ތަނެއްގައި އަދި ހުއްދައާ ހިލާފަށް ދުންފަތުގެ އިސްތިއުމާލު ކުރުމުން ގާނޫނުގައި މިހާރު ވެސް ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ އިތުރުން، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމަށް ނުވަތަ ބާތިލުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ބާރު މިނިސްޓްރީއަށް ދީފައިވެއެވެ.
ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދީފައިވާ ހުއްދައާ ހިލާފަށް އެފަދަ ކަމެއް ކޮށްފި ނަމަ، އެ ހުއްދަ ވެސް ބާތިލު ކުރުމުގެ އިހްތިޔާރު މިނިސްޓަރަށް ދީފައިވެއެވެ.



