އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއަދު މިތަކެތި ނައްތާލާފައި ވަނީ ދޫނިދޫގައެވެ. އެގޮތުން ނައްތާލެވިފައިވާ ތަކެތީގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރަލުގެ އިތުރުން ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ހިމެނެއެވެ.
މިއަދު ނައްތާލައިފައި ބަނގުރަލުގެ ތެރޭގައި 1696 ބްރޭންޑެޑް ފުޅި އާއި 23 ޕެޓް ފުޅި އަދި 1331 ދަޅު ބިޔަރުގެ އިތުރުން، އެހެނިހެން ތަކެތީގެ ގޮތުގައި 64 އައިޓަމް ވެސް ވަނީ ނައްތާލާފައިވެއެވެ. އެގޮތުން ފުލުހުން ނައްތާލައިފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި، ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެދަށުންނެވެ.



