ކޮމަންވެލްތުގެ ވިޔަފާރިވެރިން ރާއްޖެއަށް އެއްބާރުލުން ދޭން ނައިބު ރައީސް އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފު ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ކޮމަންވެލްތު ބިޒްނަސް ފޯރަމް: އައިލެންޑް ލީޑާސް ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުވުމުގެ ތަޞައްވުރާއެކު، މިހާރަށްވުރެ ހަރުދަނާ، ތަނަވަސް ރާއްޖެއެއް ޤާއިމުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހިތްވަރުގަދަ، އުއްމީދީ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ އައި.ސީ.ޓީ، ފައިނޭންސް، އަދި އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް އިޤްތިޞާދު ސިންދަފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
އެއަށްފަހު މިކަން ހާސިލުކުރުމުގައި ކޮމަންވެލްތުގެ ވިޔަފާރިވެރިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ރާއްޖެއާއެކު ޙިއްޞާކުރެވޭ ތަނަވަސްކަމަށް ދިއުމަށް ރާއްޖެއިން ކުރާ ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ކޮމަންވެލްތުގެ ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވާފައެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ތަފާތު ތިމާވެށީގެ ނިޒާމުތަކަށް އަލިއަޅުއްވާލައްވާ ނައިބު ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި، މާލީ އެހީ ހޯދުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ރާއްޖެ އަކީ ނާޒުކުކަން މާނަކުރަން ދެކޮޅު ހަދާ ގައުމެއް ކަމަށާއި ރާއްޖެ އާއި އެހެނިހެން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަކީ އަމިއްލަ ކުރިމަގު އަމިއްލައަށް ބަލަހައްޓަން ޖެހިފައިވާ ގައުމެއްކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.




