ކަންކަން ނިންމުމުގައި އަދި އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް، ތަފާސްހިސާބު ބޭނުންކުރާ މިންވަރު މިހާރަށްވުރެއް އިތުރުކުރަން ޖެހޭ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.
ގައުމީ ތަފާސްހިސާބުތަކުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިދަރު ވިދާލުވީ ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމަކީ ލާމަރުކަޒީ ނިޒާމެއް ކަމަށާއި ޒަމާނީ ފަންނިއްޔާތުގެ އެހީގައި މި ނިޒާމު އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.
މިނިޒާމަށް ނެގޭ މައުލޫމާތުތަކުގެ އަލީގައި ސިޔާސަތުތައް ބައްޓަންކޮށް، ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި ހައިދަރު ވިދާޅުވީ ދައުލަތުގެ ހުރިހާ އިދާރާތަކުން އެކުލަވާލާ ތަފާސްހިސާބުތައް ރަނގަޅަށް ބެލެހެއްޓުން ވަރަށް މުހިންމުކަމަށެވެ.
ޤައުމުގެ ކުރިއެރުމަށްޓަކައި އިދާރާތަކާއި ކައުންސިލްތަކުގައިހަރަކާތްތެރިވާ އެންމެންވެސް ތަފާސްހިސާބަށް އަހުލުވެރި ކުރެވި، ކަންކަން ނިންމުމުގައި އަދި އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް، ތަފާސްހިސާބު ބޭނުންކުރާ މިންވަރު މިހާރަށްވުރެއް އިތުރުކުރަން ޖެހޭ ކަމަށެވެ.
މީގެއިތުރުން، އަދުގެ ޒުވާން ޖީލަކީ ޑޭޓާ ދެނެގަތުމަށާއި އޭގެ ބޭނުންކުރުމަށް އާދަވެފައިވާ، ޒަމާނީ ފަންނިއްޔާތުގެ އެހީގައި ތަރައްގީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް އީޖާދީ ހައްލުތަކެއް ހޯދާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރަކީ ރާއްޖެއިން ގައުމީ ފެންވަރެއްގައި ތަފާސްހިސާބުގެ ދުވަސް ފާހަގަކުރާ ތިން ވަނަ އަހަރެވެ. މިއަހަރުގެ ޝިއާރަކީ ’ސްޓެޓިސްޓިކްސް ފޯ އެން އިންޓެލިޖަންސް ޑްރިވަން ފިއުޗާ‘ އެވެ.



