ދިވެހި ގައުމުގެ ހައްގުގައި އަމިއްލަ މުސާރައިން ދެބައިކުޅަ އެއްބައި އުނިކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވީ ނަމޫނާ މިސާލެއް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްރާން ލަތީފް ވިދާޅުވެއްޖެއެވެ.
’ސައުވީސް‘ އަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ ރައީސްގެ އަމިއްލަ މުސާރައިން %50 މަދުން ނަންގަވަން ހުށަހެޅި ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ތާރީހުގައި ރައީސަކު މިހާތަނަށް ގައުމުގެ އިގްތިސާދާއި، ގައުމުގެ އާންމު ފަރުދުންނާއި ދޭތެރޭ ވިސްނާފަ ދެއްކެވި ވަރަށް ތަފާތު ހިތްވަރުގަދަ ނަމޫނާއެއް ކަމަށެވެ.
އިމްރާން ވިދާޅުވީ މިދަނޑިވަޅުގައި އާންމު ރައްޔިތުންނާއި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ރައީސް ދެއްކެވި ލާމަސީލު ނަމޫނާ މިސާލަކަށް ބަލައިގެން އެ ނަމޫނާ ’ފޮލޯ‘ ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ މި އުނދަގޫ ހާލަތު މެދުވެރިވީ ވޭތުވިދިޔަ 15 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށާއި އެކިއެކި ސަރުކާރުގެ ބޭނުންތަކަށް ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތަކުގެ ސަބަބުންކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ މިދަނޑިވަޅުގައި ވެސް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިޔާސީ ގޮތުން އެއްވެސް ބޭފުޅަކަށް އިނގިލި ދިއްނުކުރައްވާ، އެމަނިކުފާނުގެ ޒިންމާގެ ދަށުން ކަންކަން ހައްލު ކުރެއްވުމަށް ކަމަށެވެ.
މިހާލަތުގައި އައި.އެމް.އެފް ގެ ޕްރޮގްރާމްގެ ތެރެއަށް ދިވެހި ދައުލަތް ނުދޭތޯ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުރިހާ ރައްޔިތުން ވެސް ފުރިހަމައަށް އެއްބާރުލުން ދިނުމަށް މެމްބަރު އިމްރާން ވަނީ އެދިލައްވާފައެވެ.
ރައީސް ޑރ. މުއިއްޒު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، މި ސަރުކާރުގެ އިޤްތިސާދި އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރައީސް ޑރ. މުއިއްޒުގެ މުސާރައިގެ %50 ނުނެންގެވުމަށް ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކުން 228 ފަރާތެއް ވަނީ މިދިޔަ ހަފްތާގައި ވަކިކޮށްފައެވެ. އެކަމުގެ ސަބަބުން މަހެއްގެ މައްޗަށް ދައުލަތަށް 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެއީ އަހަރަކަށް ބަލާނަމަ 68.6 މިލިއަން ރުފިޔާއެވެ.




1 Comment
މިފަދަ އިސްލާޙީ ފިޔަވަޅުތައް އަޅުއްވައިގެން ނޫނީ ގައުމު މިވަގުތު ސަލާމަތް ކުރެވެން ނެތްކަން ޔަގީން “ އިމްރާން ފާހަގަ ކުރައްވާފައިވާ ކަންތައްތަކަކީ ވަރަށްވެސް މުހިންމު ކަންތައްތަކެއް.
ރައީސް ކުރައްވަވަުމުން ގެންދަވާ އިސްލާޙީ މަސައްކަތް ތަކަށް ޝުކުރުވެރިވަން