ތުރުކީވިލާތުގެ ޓަރކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ނިރުބަވެރި ޙަމަލާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެ ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.
ރައީސް ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފައެވެ.
އެމަނިކުފާނު ވަނީ މިހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
ރައީސްގެ މެސެޖު ނިންމާލައްވަމުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.



