ދިވެހި ދައުލަތުގެ މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަޅަން ނިންމެވި ނިންމެވުމަކީ ހަރުދަނާ އަދި އެހާމެ ހިތްވަރުގަދަ ނިންމެވުންތަކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ބުނެފިއެވެ.
ދިވެހި ދައުލަތުގެ މާލިއްޔަތުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރެއްވުމަށް ރައީސް އެޅުއްވި ހަރުދަނާ ހިތްވަރުގަދަ ފިޔަވަޅުތަކަށް މަރުޙަބާ ދަންނަވާ ކޮންގްރެސް ޕާޓީއިން އާއްމުކޮށްފައި ނޫސްބަޔާނުގައި ބުނެފައި ވަނީ ސަރުކާރާއި ދައުލަތުގެ އެންމެ މަތީ ފަޑިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމަވައި، އެކަން ތަންފީޡު ކުރެއްވުމަށް އަންނަ އަހަރު ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު ނިންމެވުމަކީ ހަރުދަނާ އަދި އެހާމެ ހިތްވަރުގަދަ ނިންމެވުންތަކެއް ކަމަށް ޕީއެންސީން ދެކޭ ކަމަށެވެ.
ފާއިތުވެދިޔަ ދެތިން އަހަރު ދައުލަތުގެ ހަރަދުތައް އިންތިހާއަށް އިތުރުވެ އެކަމުގެ ސަބަބުން ލިބޭ އާމްދަނީ އާއި ކުރާ ހޭދައިގެ ފަރަގު ބޮޑުވަމުން ގޮސްފައިވާކަން ފާހަގަކުރައްވާ އެޕާޓީން ބުނީ އެކަން އިސްލާހު ކުރުމަށްޓަކައި ހަރަދުތައް ކޮންޓްރޯލު ކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދެމުންދިޔަ ލަފާއަށް ކުރީގެ ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.
އެޕާޓީން ބުނެފައިވާ ގޮތުގައި މިކަމަށް ކުރީގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއަކަށްވީ 2022 ގައި 9.8 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް އަންދާޒާ ކުރި ބަޖެޓު އަހަރު ނިމުނުއިރު ޑެފިސިޓުވެ 11.3 ބިލިއަނަށް އެރުމެވެ. އަދި 2023 ގައި 8.6 ބިލިއަންގައި ހުންނާނެ ކަމަށް އަންދާޒާ ކުރި ބަޖެޓު 13.5 ބިލިއަން ރުފިޔާއަށް އިތުރުވުމެވެ. ޕީއެންސީ ބުނެފައިވާ ގޮތުގައި ބަޖެޓު ޑެފިސިޓުވިއިރު، ރިކަރަންޓު ހަރަދު ލިބުނު އާމްދަނީގެ ތެރޭގައި ހިފެހެއްޓިފައެއް ނުވެއެވެ.
އެވަގުތު ދައުލަތުން އަޅަން ޖެހޭ ފިޔަވަޅުތައް ސިޔާސީ ސަބަބުތަކަށްޓަކައި ނާޅާ ފަސްކޮށްފައިވާއިރު، ރައީސް އެފިޔަވަޅުތައް އަޅަން ފެއްޓެވީ ސިދާ އެމަނިކުފާނުގެ ހަމައިން ކަމަށް ޕީއެންސީން ބުނެފައިވެއެވެ.
އެގޮތުން އަމިއްލަފުޅު މުސާރާއިގެ ދެބައިކުޅަ އެއްބައި ނުނަންގަވަންށާއި، ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރައްވަން އެމަނިކުފާނު ހުށަހަޅާފައިވާއިރު، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދިވެހި މާލިއްޔަތުގެ ދެމެހެއްޓެނިވިކަން ޔަގީންކޮށްދެއްވުމަށް ރައީސް އަޅުއްވަން ނިންމެވީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް އެޕާޓީން ބުނެފައިވެއެވެ.
މިއީ ސިޔާސީ ގޮތުން އުނދަގޫ އެހެންނަމަވެސް ގައުމުގެ ހައްގުގައި ނިންމަވަންޖެހޭ ނިންމެވުމެއްކަމަށް އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ




